ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ “މޯލްޑިވްސް 2.0” ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުން،ކޮރަޕްޝަންތައް ބަންދުވާނެ ކަމަށާއި، ޑޭޓާ ރައްކާތެރިކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ “މޯލްޑިވްސް 2.0” ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަށް ބަހުސްކުރައްވަމުން ،ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވީ، މި ބިލު ގާނޫނަކަށް ވުމުން ދައުލަތުގެ ތެރޭގައި މަތީ ފަންތީގައި ކުރާ ވައްކަންތަކާއި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުވާނެ ކަމަށެވެ. އަދި އެމްޑީޕީން މި ބިލާ ދެކޮޅުހަދަނީ އެ ސަބަބާ ހުރެ ކަމަށް މެންބަރުން ތުހުމަތުކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ ދައުލަތުގެ އިދާރާތައް ޑިޖިޓަލް ނިޒާމަކަށް ފުރިހަމައަށް ބަދަލުވުމުން، މަރުހަލާތަކުގެ ތެރެއިންނާއި ލިޔެކިޔުންތަކުން ކޮރަޕްޝަން ހިންގުމަށް ހުރި ހުރިހާ ލޫޕްހޯލްތަކެއް ނުވަތަ ދޮރުތަކެއް މުޅިން ބަންދުވެގެންދާނެ ކަމަށެވެ.
މީގެއިތުރުން،އިދިކޮޅު އެމްޑީޕީން މި ބިލާ ދެކޮޅަށް ތެދުވަނީ ރާއްޖެ ތަރައްގީވެ، ނިޒާމުތައް ދެފުށް ފެންނަ ގޮތަށް ބަދަލުވާން އެޕާޓީން ބޭނުންނުވާތީ ކަމަށް ވިދާޅުވިއެވެ. އަދި ނިޒާމު ހަރުދަނާވުމުން “މަތީ ފަންތީގައި ކުރާ ވައްކަންތައް” ހުއްޓުވޭނެތީ އެމްޑީޕީން ކަންބޮޑުވަނީ ކަމަށް ތުހުމަތުކުރެއްވިއެވެ.
ހަމަމިއާއެކު، އީ- ވޯޓިންއާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށާއި، މި ބިލުގެ އަސްލު މަގުސަދަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަކޮށްދިނުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ފުނަދޫ ދާއިރާގެ މެމްބަރު މަމްދޫހު ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ ދަށުން ހުރިހާ މައުލޫމާތެއް ސެންޓްރަލް ނިޒާމަކަށް އައުމުން، ކޮންމެ މުއާމަލާތެއް ހިންގަނީ ކާކުކަން، ކޮން ވަގުތަކުކަން އަދި ކޮން ގޮތަކަށްކަން ވަގުތުން “ޓްރެކް” ކުރެވޭނެއެވެ.މިއީ ކޮރަޕްޝަންއާ ދެކޮޅަށް އެޅޭނެ އެންމެ ބޮ ޑުފިޔަވަޅު ކަމަށް އޭނާ ވިދާޅުވިއެވެ.