ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ބެލެވިގެން، ޖޫން 20 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި،ގިނަ އަދަދެއްގެ ވޭޕް ކާޓްރީޖްތަކެއް އަނެއްކާވެސް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ހިފަހައްޓާފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި، 6328 ވޭޕް ކާޓްރީޖެވެ.ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި ރާއްޖެ އެތެރެކުރަން އުޅުނީ އާންމު މުދާ ނުވަތަ “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއާކޮށްގެންނެވެ.
ފާއިތުވި ހަފުތާއިން ފެށިގެން ކަސްޓަމްސް އިން އަތުލައިގެންފައިވާ ވޭޕް ކާޓްރީޖްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 23،000 އަށް އަރާފައެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމާއި، އަދި ވިޔަފާރިކުރުން މުޅިން މަނާކޮށްފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 15 ޑިސެމްބަރު 2024 އިން ފެށިގެންނެވެ. މި ގާނޫނުގެ ދަށުން، މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ ވޭޕް ނުވަތަ އިލެކްޓްރޯނިކް ސިނގިރޭޓެއް ރާއްޖެއަށް އެތެރެކޮށްފިނަމަ، އެތެރެކުރާ ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް އަންނާނެއެވެ.
މީގެ އިތުރުން، ވޭޕްގެ ވިޔަފާރިކުރާ ފަރާތްތަކާއި އިޝްތިހާރުކުރާ ފަރާތްތައްވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. މި ފިޔަވަޅުތަކަކީ ޒުވާނުންނާއި ކުޑަކުދިން ވޭޕްގެ ނުރައްކަލުން ސަލާމަތްކުރުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅެކެވެ