ރަސްމީކޮށް ރަޖިސްޓްރީނުކޮށް ތިބި ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނީ،މި ފިޔަވަޅު އަޅާފައިވަނީ އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.އެމްކިއުއޭ އިން ހާމަކުރިގޮތުގައި،އި، މިއަހަރުގެ ކުރީކޮޅު ވެސް އެވިޑް ކޮލެޖުން ރަޖިސްޓްރީނުކޮށް ތިބި ސްރީލަންކާގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ. އެ ފަހަރު އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅާފައި ވަނިކޮށް، ގަވާއިދާ ޚިލާފަށް ސެޓްފިކެޓް ދޫކުރުމުގެ އަމަލުތައް އަލުން ތަކުރާރުވަމުންދާކަން އެ އޮތޯރިޓީއިން ވަނީ ފާހަގަކޮށްފައެވެ.
އެމްކިއުއޭ އިން ބުނީ، އެ އަތޯރިޓީގެ ހުއްދައާ ނުލައި ރާއްޖޭން ބޭރުގައި އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ހިންގުމާއި، އުސޫލުތަކާ ޚިލާފަށް ސެޓްފިކެޓް ދޫކުރުމަކީ މަނާކަމެއް ކަން އެވިިޑް ކޮލެޖަށް ހަނދާންކޮށްދީފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުކުރުމަށް އެ ކޮލެޖަށް ވަނީ ހަރުކަށިކޮށް އަންގާފައިވާ ކަމަށް އެމްކިއުއޭ އިން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އެމްކިއުއޭ އިން ވަނީ ދަރިވަރުންނާއި ބެލެނިވެރިންވެސް، އެއްވެސް ކޯހެއްގައި ބައިވެރިވުމުގެ ކުރިން،އެއީ އެމްކިއުއޭ އިން ހުއްދަދީފައިވާ ރަސްމީ ޕްރޮގްރާމެއްތޯ އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.