މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި މަސް މާރުކޭޓެއް އެޅުމަށް އަމިއްލަ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލަދިނުމަށް އެ ކުންފުނިން އަމިއްލައަށް އެދުމުންވެސް، އެ އެއްބަސްވުން ބާތިލުކުރަން މާލޭ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބިމުގައި ކުރިން މަސް މާރުކޭޓު އެޅުމަށް ހަވާލުކުރި އަމިއްލަ ކުންފުނިން އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި ސިޓީ ކައުންސިލްގައި ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، ކައުންސިލުން އެ އެއްބަސްވުން ޤާނޫނީ އިމުގެ ތެރެއިން އުވާލުމުގެ ކަންކަން ނިންމާފައި ނުވާތީ، އައު މަޝްރޫޢު ފެށުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
ހަމަމިއާއެކު،މިނިސްޓްރީން ބުނީ، މި މަޝްރޫޢުގެ އިދާރީ ހުރިހާ ކަމަކާއި ފައިސާގެ ކަންކަން ހަމަޖެހި، އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރު ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މަސައްކަތް ލަސްވެ، ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވުން ކަމަށެވެ.