ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އެގޮތުން، ކޮލެޖަށް 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިން ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، މިއާންޒް ކޮލެޖަކީ ކުރު މުއްދަތެއްގެ ތެރޭގައި ހަލުވިކަމާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި މުއައްސަސާއެއް ކަމަށެވެ. އަދި ޤައުމީ ފެންވަރުގައި އަޚްލާޤީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް އެ ކޮލެޖުން ކުރި މަސައްކަތަށް މުޅި ދައުލަތް ފަޚުރުވެރިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ތަޢުލީމަކީ އިންސާނާގެ ތަރައްޤީގެ މައިގަނޑު ވަސީލަތްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އުނގެނުމުގެ އަސްލު ނަތީޖާއަކީ އިންސާނާގެ ކިބައިން ފެންނަ ރަނގަޅު އަޚްލާޤު ކަމަށެވެ. އެހެންކަމުން ދީނަށް ހުރިހާ ދަރިވަރުންވެސް ތެދުވެރިވުމަށާއި، ޤައުމަށް ވަފާތެރި، މަސައްކަތަށް ފަރުވާތެރި ނަމޫނާ ދިވެހި ދަރިންނަށް ވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިއާންޒް ކޮލެޖުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހާއްސަ ހަނދާނީ ހަދިޔާއެއް އެރުވިއެވެ. އެކަމަނާއާ މި ހަދިޔާ ހަވާލުކޮށްދެއްވީ ކޮލެޖުގެ ފައުންޑަރ އަދި ޗެއަރމަން އަޙްމަދު މުއްތަކީއެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި މިއާންޒް ކޮލެޖުގެ ރަސްމީ ލަވަ އިފްތިތާޙްކުރުމާއި، އެ ކޮލެޖުގެ “ސްޓޫޑަންޓް އެސޯސިއޭޝަން އެގްޒެކެޓިވް ކޮމިޓީ” ރަސްމީކޮށް އިޢުލާންކުރުން އޮތެވެ. އަދި އެ މުއައްސަސާއަށް 5 އަހަރާއި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާވެސް މި ހަފުލާގައި ހަވާލުކުރިއެވެ.
މިއާންޒް ކޮލެޖުގެ 20 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި ދައުލަތުގެ މަތީ ފަންތީގެ ވެރިންނާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި، އެ ކޮލެޖުގެ އިސް މުވައްޒަފުންގެ އިތުރުން ދަރިވަރުން ބައިވެރިވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1