މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަރުހަބާ ކިޔައިފިއެވެ.
އެގޮތުން، މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމްއޭސީއެލް އިން މަރުހަބާ ކިޔާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެމްއޭސީއެލް އިން ހާމަކުރިގޮތުގައި، މި ޝަރަފުވެރި ފަތުރުވެރިޔާއަކީ ދޯހާ އިން ފުރައިގެން ގަތަރް އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރި ސްޕެއިން އަށް ނިސްބަތްވާ ފަސިންޖަރެކެވެ.
އެމްއޭސީއެލްއިން ވަނީ، މި މުހިއްމު ލަނޑުދަނޑި ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ހަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން، އެމް.އޭ.ސީ.އެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު، ޗީފް އިމަރޖެންސީ ސަރވިސް އޮފިސަރ ޢަބްދުﷲ ވަޙީދު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަޞީޙް، ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ، ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުން، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން އަދި އެއަރލައިން ޕާޓްނަރުން ބައިވެރިވިއެވެ.
މީގެއިތުރުން، މި ހާއްސަ މުނާސަބަތުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އާއި ދާއިރާގެ ބައިވެރިންގެ ފަރާތުން ހަނދާނީ ހަދިޔާތަކެއް ވަނީ އަރުވާފައެވެ. އެމްއޭސީއެލް އިން ބުނީ، މިއީ ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަމާއި، ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަދާކުރާ ދައުރު ފާހަގަކުރަމުން، އެމް.އޭ.ސީ.އެލް އިން ބުނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ފަސިންޖަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
މި ކާމިޔާބީ ހާސިލުކުރުމުގައި އެހީތެރިވި ޓޫރިޒަމް މިނިސްޓްރީއާއި، ވިޒިޓް މޯލްޑިވްސްއާއި، އެއާލައިންތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރިސޯޓްތަކާއި އެއާޕޯޓުގެ ހުރިހާ ހިއްސާދާރުންނަށް އެމް.އޭ.ސީ.އެލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.