ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފޯރިގަދަ ޤައުމީ ފަރުމަސް ބޭނުމުގެ މުބާރާތުގެ ވަނަވަނަ އަށް ހޮވުނު ޓީމުތައް އިއުލާނުކޮށް، އިނާމު ހަވާލުކޮށްފިއެވެެ.
މި މުބާރާތުން އެއްވަނަ ހޯދައި، 30،000 ރުފިޔާގެ ފައިސާގެ އިނާމު ކާމިޔާބުކުރީ ބ. ތުޅާދޫގެ “ދޮންއިސްމާއިލް” ޓީމެވެ. މުބާރާތުގެ ދެވަނަ ޏ. ފުވައްމުލަކު “މެޖިކްލީން” ޓީމު ހޯދިއިރު، ތިންވަނަ ލިބުނީ ތ. ހިރިލަންދޫ “ކަޅަކައުންޑު” ޓީމަށެވެ. ދެވަނައަށް ދިޔަ ޓީމަށް 25،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މީގެއިތުރުން، “މުބާރާތުގައި ‘އެންމެ ބަރު މަސް’ ބޭނުމުގެ ޝަރަފު ވެސް ހޯދީ އެއްވަނަ ހާސިލުކުރި ބ. ތުޅާދޫ ‘ދޮން އިސްމާއިލް’ ޓީމުގެ މުހައްމަދު ހާބީބް ރިޔާޒް އެވެ. އޭނާ ބޭނި މަހުގެ ބަރުދަނަކީ 50.65 ކިލޯގްރާމެވެ. މި ކާމިޔާބީއާއެކު އޭނާއަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބޭއްވި މި ހަރަކާތުގެ ސަބަބުން، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.. މީގެ އިތުރުން، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހަލާކުނުވާނެ ފަދަ ދެމެހެއްޓެނިވި ގޮތްގޮތަށް މަސްވެރިކަން ކުރުމަށް ހިތްވަރުދީ، ރަށްރަށުގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުމާއި އެކުވެރިކަން ބަދަހިކުރުމަކީވެސް މި މުބާރާތް ކުރިއަށްގެންދިއުމުގެ ބޮޑު ބޭނުމެކެވެ .