ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން ވާނެ ފައިދާއެއް ނޯންނާނެކަމަށާއި، މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، “ދަ ޕަލްސް” ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްވެރިކަމުގެ މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ،ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް އެ ސިނާއަތް ކޮޅަށްޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މިރޮނގުން މިހާތަނަށް ހޯއްދެވުނު ބައެއް ކާމީޔާބުތަކުގެ މައްޗަށް، ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
ރައީސް ވިދާޅުވީ،އަބަދުވެސް ބޭނުންފުޅުވަނީ މުޅި ސިނާއަތް ހަރުދަނާކުރެއްވުމަށް ކަމަށާ، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެއްވިފައިވާ ކަމަށެވެ. އެގޮތުން މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒުކަމަށާ، އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭގޮތެއްވުމުން އެކަންވެސް ކުރެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ، ރައީސް ވިދާޅުވީ،އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެންގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށާ، އެރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް އިިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޢަދަދު މަދުވެފައި އޮތް އޮތުމަށްވެސް ބަދަލު ގެންނަވާނެ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގައި މާ ގިނައިން މީހުން ތިބުމުން މަސްވެރިކަމަށް ހީނަރުކަން އައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ކުންފުނިތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ހެޔޮ އަސަރު މަސްވެރިކަމަށާއި އިޤްތިޞާދަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔަޤީންކަން ދެއްވީ ސަރުކާރުން މިކަންކަން ޙައްލުކުރަނީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން ކަމަށެވެ.
“މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެންމެ ގިނަ މަސްވެރިން އުޅޭ މާލޭ ސިޓީގައި ޒަމާނީ މަސްމާރުކޭޓެއް ހެދުމަށް ހުރި ގޮންޖެހުންތަކަށް ވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވަޏި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ދިރުވައި، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކޮށްދޭ ނިޒާމެއް ޤާއިމުކޮށް، އެތައް މިލިއަން ރުފިޔާއެއްގެ ބެކްލޮގް ފައިސާ މަސްވެރިންނަށް ވަނީ ޚަލާޞްކޮށްދެއްވާފައެވެ.