މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ބަހައްޓާ ބެގެޖް ސްކްރީނިންގ މެޝިން،މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އިފްތިތާހުކޮށްދެއްވައިފިއެވެ.
ކަރެކްޝަނަލް ސާރވީސް އިން ބުނީ،މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކޮށްދެއްވި ބެގެޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝނެއް ކަމަށެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.
މި މެޝިން ބޭނުންކުރާގޮތުގެ ތަމްރީން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ފޯރުކޮށްދެއްވާފައިވީއިރު، ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ފޯރުކޮށްދީފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުރުން ކަރެކްޝަންސް އިން ބުނީ، މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެ ކަަމަށެވެ.
މާފުށީ ޖަލުގައި މީގެ ކުރިން ޒަމާނީ ބޮޑީ ސްކޭނިންގ މެޝިނެއް ބަހައްޓާފައިވާއިރު، އަލަށް ތައާރަފުކުރި ބެގެޖް ސްކްރީނިންގ މެޝިނުގެ މައިގަނޑު މަޤްޞަދަކީ ޖަލަށް ވަގަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމެވެ. މީގެ އިތުރުން، ޖަލުގައި ތިބެގެން ކުރިއަށްގެންދާ ސްކޭމް ކޯލްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީވެސް މި ނިޒާމުގެ ބޮޑު ބޭނުމެކެވެ.