ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 20 އަހަރު ފުރުމާ ގުޅިގެން، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އަޒަރުބައިޖާނުގެ ޚާރިޖީ ވަޒީރު ޖޭހުން ބޭރަމޮފްއަށް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކަމަނާގެ މި ސިޓީފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނު މި އުފާވެރި މުނާސަބަތުގައި އަޒަރުބައިޖާން ގެ ޚާރިޖީ ވަޒީރަށާއި ސަރުކާރާއި އަދި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައިވާ ކަމަށެވެ.
ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު އޮންނަ ގާތް ގުޅުމަށް ވަޒީރުގެ ސިޓީފުޅުގައި އަލި އަޅުއްވާލައްވައި، ފާއިތުވި އަހަރު ތަކުގައި ދެ ޤައުމަށް ވެސް ފައިދާ އާއި ލާބަ ހުރި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މަތީ ފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި އިތުރަށް ފުޅާކުރެވުނު އިޤްތިސާދީ ގުޅުންތަކާއި ކުރިއަރަމުން އަންނަ ދެ ޤައުމުގެ ރައްޔިތުންގެ ގުޅުމުގެ ސަބަބުން ދޭދޭ ގުޅުމަށް ލިބިފައިވާ ޚާއްޞަ ކުރިއެރުމަކީ އެހެނިހެން ގިނަ ދާއިރާތަކުން ކުރިއެރުން ހޯދުމަށް އެޅުނު ބިންގަލެއްގެ ގޮތުގައި ޚާރިޖީ ވަޱީރު ވަނީ ފާހަގަކުރައްވާފައެވެ.
ދެ ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި އެކުގައި މަސައްކަތްކޮށް، ގުޅުންތައް ބަދަހިކުރަން ބޭނުންފުޅުވާކަން ވަޒީރުގެ ތަހުނިޔާގައި ފާހަގަކުރެއްވިއެވެ.