ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާ، ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ބައިނަލްއަޤުވާމީ ލޭ ހަދިޔާކުރާ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ލޭ ހަދިޔާކުރުމަށް ބިރުގަންނަ ފަރާތްތަކުން އެ ބިރުތައް ނައްތާލައި، އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި ޚިދުމަތުގައި ބައިވެރިވުމަށެވެ.
ކުޑަކުޑަ ހެޔޮ އަމަލަކުން ވެސް ބަލިމީހެއްގެ މުޅި ދިރިއުޅުމަށް ބޮޑު އުންމީދަކާއި ބަދަލެއް ގެނެވިދާނެކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމެއް ނެތް ނަމަވެސް، ކޮންމެ މީހަކަށްވެސް އިންސާނިއްޔަތަށް ޚިދުމަތްކޮށް ހެޔޮ ސަވާބު ހޯދުމުގެ ފުރުޞަތު އޮތްކަން ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި، ރާއްޖޭގައި ގަވާއިދުން ލޭ ހަދިޔާކުރާ ފަރާތްތަކާއި، އަލަށް ލޭ ހަދިޔާކުރަން ފެށި ޒުވާނުންނަށް އެކަމަނާ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.