ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު ޢަބްދުﷲ ޞާދިޤު (ސޯބެ)މަޤާމުގެ ހުވާ ކުރައްވައިފިއެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނޚ 15 ޖޫން 2026 ވީ ހޯމަ ދުވަހުގެ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މެންބަރު ޞާދިޤަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އެވެ.މެންބަރުންގެ އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، މިއަދުގެ މަޖިލިސް ޖަލްސާގައި ޞާދިޤަށް މަޖިލީހުގެ ރައީސް ޢަބްދުުއްރަޙީމް ޢަބްދުﷲ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ގޮނޑި ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިޤަކީ ކުރިން 10 އަހަރު އައްޑޫގެ މޭޔަރުކަން ކުރެއްވި ބޭފުޅެކެވެ.
ދާއިރާގެ ބައި-އިންތިޚާބު ބޭއްވީ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިންތިޚާބުގައި ވާދަކުރެއްވީ މައިގަނޑު ދެ ޕާޓީގެ ދެ ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވައި އިންތިޚާބު ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިޤު (ސޯބެ) އާއި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަޙްމަދު ސަޢީދު (ސޮޑާ) އެވެ.