ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މީޓިއޮރޮލޮޖިކަލް (ވައިގެ ދަތުރުފަތުރާ ބެހޭ މޫސުމީ) ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި އައު ޚިދުމަތުގެ ސަބަބުން، އަހަރުގެ އެކި ދުވަސްވަރު ޕްރައިވެޓް ޖެޓްތައް އެންމެ ގިނައިން ޖައްސާ ރާއްޖޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓް ކަމަށްވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މޫސުން ލަފާކުރުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ އެވެ.
މެޓުން ބުނިގޮތުގައި، މާފަރު އެއާޕޯޓުގައި މި ޚިދުމަތް ފެށުމަކީ ވައިގެ ދަތުރުފަތުރަށް ބޭނުންވާ މޫސުމީ އެހީތެރިކަން ފުޅާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، އިތުބާރު ހިފޭ އަދި ސައްހަ މޫސުމީ މަޢުލޫމާތު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
އެމްއެމްއެސްއިން ބުނިގޮތުގައި ވައިގެ ސިނާޢަތަށް ބޭނުންވާ އެއާޕޯޓުގެ ޙާލަތާއި މޫސުމީ ރިޕޯޓުތައް ކޮންމެ ގަޑިއަކު އެއްފަހަރު ފޯރުކޮށްދިނުމަކީ މަޖުބޫރު ކަމެކެވެ. އަދި މޫސުން ގޯސްވާ ދަނޑިވަޅުތަކުގައި ފްލައިޓްތަކުގެ ރައްކާތެރިކަމަށްޓަކައި ބަދަލުވާ ޙާލަތްތައް ވަގުތުން ވަގުތަށް އަޕްޑޭޓްކުރަން ޖެހެއެވެ.
މާފަރުގައި މީހުން ތިބެގެން މޫސުން ބަލާ މެނުއަލް ސްޓޭޝަނެއް ހެދުމުން އެ ސަރަޙައްދުގެ މޫސުން ލަފާކުރުމުގެ ސައްހަކަން ބޮޑުވެ، އެއާލައިންތަކަށް ލިބޭ މަޢުލޫމާތުގެ ފެންވަރު މަތިވާނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.