މަރާމާތަށް ބަންދުކޮށްފައި އޮތް މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު،މަސައްކަތް ނިންމުމަށް ފަހު އަލުން އާންމުންނަށް ހުޅުވައިފިއެވެ،
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކުރި ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން މި ސަރަޙައްދު ބަންދުކުރަން ޖެހުނީ ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެ، ގިރަމުންދިޔަ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.
މި މަޝްރޫޢު އެމްޓީސީސީން ކުރިއަށްގެންދިޔައީ ގިރުމުގެ މައްސަލައާއި އުތުރު ފަރާތުން ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދައިދެވޭނެ ފަދަ އައު ޑްރެއިނޭޖް ސިސްޓަމަކާއެކުގައެވެ. އަދި އެ ސަރަޙައްދުގެ ފެން ދައުރުވުން ރަނގަޅުކުރުމަށްޓަކައި ބޭރު ތޮއްޓަށް ބަދަލުތަކެއް ގެނެސް، އައު ކަލްވަރޓްތަކެއްވެސް އެ ކުންފުނިން ވަނީ ހަރުކޮށްފައެވެ.
މި ތަނަކީ އާއިލާތަކާއި ކުޑަކުދިންނަށް އަދި ފަތަންދާ މީހުންނަށް ކުރިއަށްވުރެ އަމާން އަދި ހިތްގައިމު ތަނަކަށް ވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މާލޭގެ މި މުހިންމު އިޖުތިމާޢީ މައިދާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު 2016 ގައި ހުޅުވި ތަނެކެވެ.