ވޭތުވެދިޔަ ހަފުތާގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވި ބަލިމީހުން އުފުލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ޖުމްލަ 71 މެޑިކަލް އިވެކުއޭޝަން ދަތުރުކޮށްފިއެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތަކާއި ސީ އެމްބިއުލާންސް ޚިދުމަތް ގުޅިގެންނެވެ.މި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ މެޑިކަލް އިވެކުއޭޝަން ދަތުރުތައް ކޮށްދީފައިވަނީ ކޯސްޓްގާޑުގެ ފަސްޓް ސްކޮޑްރަންއިންނެވެ. އެއީ ޖުމްލަ 48 ދަތުރެވެ. މީގެ އިތުރުން ތާޑް ސްކޮޑްރަންއިން 13 ދަތުރު، ފޯތް ސްކޮޑްރަންއިން 6 ދަތުރު، އަދި ސެކަންޑް ސްކޮޑްރަންއިން 3 ދަތުރު ކޮށްދީފައިވެއެވެ. ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން، ޚާއްޞަ ސީ އެމްބިއުލާންސް “E954” ބޭނުންކޮށްގެންވެސް 1 މެޑިކަލް އިވެކުއޭޝަން ދަތުރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.