ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އެހެނިހެން ޚިދުމަތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އިތުރު ލިޔުމެއް ހުށަހަޅަން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
މިގޮތުން ގެނެވުނު ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔުންހުށަަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ނިޒާމީ ބަދަލަކީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، އެއް އިދާރާއަކުން އަނެއް އިދާރާއަކަށް މައުލޫމާތު ބަދަލުކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެކެވެ. މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލާފައިވާ “ހިޔާވެހި” ޕޯޓަލްއަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މަރުކަޒީ ނިޒާމެކެވެ. މީގެ ކުރިން މިފަދަ ސްކީމްތަކަށް ކުރިމަތިލާއިރު، ތަފާތު އެކި ދާއިރާތަކުން ލިބޭ ޚާއްޞަ ޕޮއިންޓްތައް ކަށަވަރުކުރުމަށްޓަކައި ގިނަ އަދަދެއްގެ ރަސްމީ ލިޔެކިޔުންތައް ހޯދައި ހުށަހަޅަންޖެހެއެވެ.
ނަމަވެސް، ދައުލަތުގެ އިދާރާތައް ޑިޖިޓަލްކޮށް ގުޅާލުމަށް ފަށާފައިވާ “މޯލްޑިވްސް 2.0” އިސްނެގުމުގެ ދަށުން، އެންސްޕާ ފަދަ މުއައްސަސާތަކުގެ ޑޭޓާބޭސްތައް މިހާރު ދަނީ މި ޕޯޓަލްއާ ސީދާ ގުޅާލެވެމުންނެވެ. މިއީ ސަރުކާރުގެ ޚިދުމަތްތަކުން ކަރުދާސް ބޭނުންކުރުން މަދުކޮށް، ކޮރަޕްޝަންގެ ފުރުޞަތުތައް ހަނިކުރުމަށާއި، ބޯހިޔާވަހިކަމުގެ ޕްރޮސެސް ހާމަކަން ބޮޑު ގޮތެއްގައި އަވަސްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1