އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ “ދިވެހި ވަޠަނީ ޚިދުމަތް” އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗުގެ ތަމްރީނުވެ ނިމިއްޖެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ މި ކޯހުން އެކި ވަނަތައް ޙާޞިލްކުރި އެންމެހާ ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ސިފައިންގެ މަތިވެރި ޚިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
ދިވެހި ވަޠަނީ ޚިދުމަތް (ނޭޝަނަލް ސަރވިސް) ޕްރޮގްރާމަކީ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި އަޚްލާޤީ ގޮތުން ވަރުގަދަ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން ފެއްޓެވި މުހިންމު މަޝްރޫޢެކެވެ.