ފީފާ ވޯލްޑް ކަޕް ހިލޭ ދެއްކުމަށް ޕީއެސްއެމްއިން ކުރާ މަސައްކަތުގެ ކޯ-ސްޕޮންސަރަކަށް އެމްޕީއެލް ވެއްޖެއެވެ.
އެމްޕީއެލް އިން ބުނީ ފީފާ ވޯލްޑް ކަޕް 2026 މުޅި ރާއްޖެއަށް ހިލޭ ދެއްކުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކަނޑައަޅާފައިވާ އަޒުމަށް އެއްބާރުލުންދީ، މި ކަވަރޭޖްގެ ކޯ-ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަޚުރެެއްކަމަށެވެ.
ރާއްޖެ ހިމެނޭހެން ހުރިހާ ރަށެއްގެ ރައްޔިތުންނަށް މި ފޯރިގަދަ މެޗުތައް ފަސޭހަކަމާއެކު، ހިލޭ ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އަންނަނީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތައްޔާރީތައް ވަމުންނެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޓީވީއެމް އަދި ޔެސް ޓީވީ މެދުވެރިކޮށް މުޅި ރާއްޖެއަށް ހިލޭ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މީޑިއާނެޓް އާއެކު ވެވުނު ސަބް-ލައިސަންސިން އެއްބަސްވުމުގެ ދަށުން، މީޑިއާނެޓްގެ ކޭބަލް ޓީވީ، ޑިޖިޓަލް ޕްލެޓްފޯމްތައް އަދި މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށްވެސް އެއްވެސް އިތުރު ފީއަކާ ނުލައި ޕީއެސްއެމްގެ މި ޗެނަލްތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.