ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ “ސީ-ޓު-އެއަރ ކާގޯ” ޚިދުމަތުގެ ދަށުން، ނިމިދިޔަ މޭ މަހު 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހުގެ ތެރޭގައި ޖުމްލަ 29 ޓީއީޔޫ ގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވައިފައެވެ. މި މުދާތައް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ ރާއްޖޭގައި އޮޕަރޭޓްކުރާ ބައިނަލްއަޤްވާމީ 5 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 7 މަންޒިލަކަށެވެ.އެއީ ޖަރުމަނުވިލާތު، އިޓަލީ، އެމެރިކާ، ފަރަންސޭސިވިލާތް، ކެނެޑާ އަދި ނެދަލޭންޑްސްއެވެ.
މި މުދާތައް އުފުލާފައިވަނީ ގަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، ސައުދިއާ، ސްވިސް އިންޓަނޭޝަނަލް އަދި ތުރުކީ އެއާލައިންސް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ 5 އެއާލައިނެއް މެދުވެރިކޮށެވެ.
މި ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ކަނޑު ބަނދަރާއި ވައިގެ ބަނދަރުގެ ވަސީލަތްތައް އެއްކޮށްލައިގެން އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނަށް ކަނޑުމަގުން ގެންނަ މުދާ، ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން މާ އަވަހަށް ޔޫރަޕާއި އެހެނިހެން ބައްރުތަކަށް ފޮނުވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މި މަޝްރޫޢު އިތުރަށް ފުޅާކުރުމަށްޓަކައި އެމްޕީއެލް އިން ދަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި އެމްއޭސީއެލްއާ ގުޅިގެން ޚިދުމަތުގެ ދުވެލި އަވަސްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1