ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް މީޑިއާގައި ދެއްކެވި ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޝަމްޢާންގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާތަކުގެ ޙުކުމް އިއްވުމުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، އޭނާ ވަނީ ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ހޯމް މިނިސްޓަރ ޢަލީ އިޙްސާން ހިންގަވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސް މުޢިއްޒުގެ ސަމާލުކަމަށް ގެނައުމުން، ރައީސްގެ ޖަވާބަކަށްވީ އޭނާއަކީ ރައީސަށް ވަފާތެރި (ލޯޔަލް) މީހެއް ނޫން ކަމަށް ވިދާޅުވުން ކަމަށް ޝަމްޢާން ތުހުމަތު ކުރިއެވެ.
އަދި މި މައްސަލައަކީ ހޯމް މިނިސްޓަރާއި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް އަޑީގައި ތިއްބަވައިގެން އޭނާ “ފްރޭމް” ކުރަން ރޭވި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ޝަމްޢާންގެ މައްޗަށް ދަޢުވާކުރީ ބަންގްލަދޭޝް މީހެއްގެ އަތުން ފައިސާ ފޭރުނު މައްސަލައިގައި ކަމަށާއި، އެއީ ސިޔާސީ މައްސަލައެއް ނޫން ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަރުޖަމާނު މުންދު ވިދާޅުވީ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ ޝަމްޢާންގެ މައްޗަށް ދައުލަތުން އުފުލި ފޭރުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ އިމިގްރޭޝަންގެ އެހެން މުވައްޒަފުން ކުށަށް އިއުތިރާފުވެ، ޝަމްޢާންގެ ރޭވުމަށް އެކަން ކުރި ގޮތުގެ ތަފްޞީލު ވަނީ ކޯޓަށް ކިޔައިދީފައެވެ. އެހެންކަމުން، މިއީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ޙުކުމުން ރެކެން ދައްކާ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.