ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1,785 ޒުވާނުންގެ ތެރެއިން ހޮވުނު ފުރަތަމަ 352 ބައިވެރިން، ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނުތަކަށް ފުރައިފިއެވެ.
ރައީސް ޑރ މުހަެްމަދު މުއިއްޒު ހިއްސާކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށީގައި ކުރިއަށްދާ މި ތަމްރީނުތަކަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށެވެ. މީގެ އިތުރުން، މި ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ މި ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ
މިފަހަރުގެ 3 ވަނަ ބެޗަކީ މުޅި ރާއްޖެ ހިމެނޭހެން ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ބެޗެކެވެ.
މިފަހަރުގެ 3 ވަނަ ބެޗަކީ ރާއްޖޭގެ 20 އަތޮޅެއްގެ 115 ރަށަކަށް ނިޞްބަތްވާ ޒުވާނުން ހިމެނޭހެން މުޅި ރާއްޖެއަށް ފެތުރިފައިވާ ބެޗެކެވެ. މި ބެޗުގައި ޖުމްލަ 64 އަންހެން ޒުވާނުންނާއި 288 ފިރިހެން ޒުވާނުން ބައިވެރިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ތަމްރީނުތަކުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ސާބިތުކަމާއި ބޮޑު ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ