ކަނޑުތަކާބެހޭ ޢިލްމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސްޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ،ދިވެހިރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމާއި، މަސްވެރިކަން ވިލަރެސްކުރުމާއި، މެރިން ސައިންސް ކުރިއެރުވުމާއި، ވިލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބިނާކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ މުސްތަޤުބަލާއި ދިވެހި ކަނޑުތަކާ އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި، އިޤްތިޞާދާއި، ވެށީގެ ދުޅަހެޔޮކަން ބަރޯސާވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ސައިންސާއި، އުފެއްދުންތެރިކަމާއި، މުޖުތަމަޢުގެ ބޭނުންތަކަށް ފެތޭގޮތަށް ބިނާކުރައްވާފައިވާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމުގެ ތަސައްވަރުގެ މައްޗަށްކަމަށެވެ. ދިވެހިން ކުރާ ދޮށީގެ މަސްވެރިކަމަކީ، ޒިންމާދާރުކަމާއެކު ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގެ ނަމޫނާއެއް ކަމުގައި ވިދާޅުވެ، ދޮށީގެ މަސްވެރިކަމަކީ، ވަކި ވައްތަރެއްގެ މަސް ބޭނުމަށް ޚާއްޞަ، އަދި އެހެނިހެން ދިރުންތަކަށް ގެއްލުން ކުޑަ ބާވަތެއްގެ މަސްވެރިކަމަކަށްވާތީ، އެއީ ކަނޑުގެ މާހައުލީނިޒާމު ރައްކާތެރިކޮށްދޭ މަސްވެރިކަމުގެ ވައްޓަފާޅިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު،މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، މުރަކަތައް ހުދުވެ، މަސްމަހާމެހި ދިރިއުޅޭ ސަރަހައްދުތަކަށް ބަދަލުއައިސް، ގޮނޑުދޮށްތައް ގިރަމުންދާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައިންސްގެ އަލީގައި ކަނޑުތައް ދެނެގަތުމަކީ މިހާރު ޤައުމީ އަހުމިއްޔަތަކަށް ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން،މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މަސްވެރިކަން ދިރާސާކުރުމާއި، ނެތި ހިނގައިދާނެކަމުގެ ބިރުވެރިކަން ހުރި ދިރުންތައް ދެނެގަނެ އެފަދަ ދިރުންތައް ހިމާޔަތްކުރުމާއި، ކަނޑުގެ ދިރުންތަކަށް ހުރި ހިރާސް ދެނެގަނެ، ކަނޑުގެ މާހައުލީނިޒާމު ވިލަރެސްކުރުމުގެ ޤައުމީ މަސައްކަތްތައް ހިމެނޭނޭހެން، މެރިން ރިސަރޗާއި، ޢިލްމީ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.