ދިވެހިރާއްޖޭގައި 2014 ވަނަ އަހަރު ރައިޓް ޓު އިންފޮމޭޝަން (އާރް.ޓީ.އައި) ޤާނޫނު ވުޖޫދަށް އައި ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހުރިހާ ވުޒާރާތަކަކުން، މައުލޫމާތު އިސްވެ ހާމަކުރުމުގެ މާއްދާއަށް 100 އިންސައްތަ އަމަލުކޮށް ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިފަދަ ފުރިހަމަ ކާމިޔާބީއެއް ހާސިލުވި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ކުރިން އާންމުންނަށް ލިބުން ދަތިވެފައި ހުރި ގިނަ މައުލޫމާތުތަކެއް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަމައެކަނި ސިޔާސީ އަމާޒެއް ނޫން ކަމަށާއި، މައުލޫމާތު ހޯދާ ލިބިގަތުމުގެ އަސާސީ ހައްގަކީ އާންމުންގެ އިތުބާރު ދެމެހެއްޓުމާއި ޑިމޮކްރެޓިކް ވެށި ވަރުގަދަކުރުމުގެ މައިގަނޑު އަސާސް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ބަސްފުޅުގައި، މިއީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށާއި، މައުލޫމާތަށް އާންމުން ހޭލުންތެރިކުރުމަށާއި، ޖަވާބުދާރީވުން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ހުޅުވާލެވިފައިވާ އަދި ޖަވާބުދާރީވަނިވި ސަރުކާރެއް ބިނާކުރުމަށް ކުރާ ދަތުރުގައި މި ހާސިލުވި މުހިންމު ލަނޑުދަނޑިއަށްޓަކައި، މިކަމުގައި ބުރަކޮށް މަސައްކަތް ކުރެއްވި ހުރިހާ މުއައްސަސާތަކަށާއި ދައުލަތުގެ މުވައްޒަފުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުގެ ހަރަކާތްތަކާއި ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދައުލަތުގެ މައުލޫމާތުތައް އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގައި މި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (ގާނޫނު ނަންބަރު 1/2014) ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އޭގެ އެންމެ ފުޅާ މިނުގައި ރައްޔިތުންނަށް ފަހިކޮށްދިނުމެވެ.
މި ގާނޫނުގެ ދަށުން ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ހުޅުވާލަންޖެހެއެވެ. މީގެ އިތުރުން، ގާނޫނުގައި ބަޔާންކުރާ ވަކި ޚާއްޞަ މައުލޫމާތުތަކެއް، އާންމުން ނޭދުނު ކަމުގައިވިޔަސް އިސްވެ ހާމަކުރުން މުއައްސަސާތަކަށް މަޖުބޫރުވެއެވެ. މިއީ ދައުލަތުގެ ނިޒާމުތައް ދެފުށް ފެންނަ ގޮތަށް ހިންގުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށާއި، ވެރިކަން ކުރާ ފަރާތްތައް ރައްޔިތުންނަށް ޖަވާބުދާރީކުރުވުމަށް އެކުލަވައިލެވިފައިވާ މުހިންމު ގާނޫނީ ބާރެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1