މޯލްޑިވްސް އިިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިން މަސްގަންނަ އަގުތަކަށް ގެނައި ބަދަލާއެކު، މިހާރު ކަޅުބިލަމަސް ކިލޯއެއް އެކުންފުނިން ގަންނަނީ، 18.50 ރުފިޔާއަށެވެ.މިއީ ކުރިން މަސް ގަންނަމުންދިޔަ އަގަށްވުރެ ބޮޑު އަގެކެވެ.ނަމަވެސް، ކަންނެލި ގަންނަ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އައު އަގުގައި މަސްގަތުމުގެ މަސައްކަތް މިފްކޯގެ މައިގަނޑު ބޯޓުފަހަރާއި މަރުކަޒުތައް ކަމަށްވާ ފެލިވަރު، ކޫއްޑޫ، އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ކަލެކްޝަން ސެންޓަރުތަކުގައި މިހާރު ވަނީ ފަށާފައެވެ.މި ބަދަލާއެކު، މިފްކޯއިން މަސްގަންނަ އަގު ވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގުތަކާ އެއްވަރުވެފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމެވެ. އެގޮތުން، މަހުގެ އަގު މަތިކުރުމަށްޓަކައި ވެލިއު-އެޑެޑް (އަގުއެއްކޮށްގެން ވިއްކާ) މަހުގެ ބާވަތްތައް އިތުރުކުރުމާއި، މަސް ފެކްޓްރީތަކުގެ އުފެއްދުންތެރިކަން ބޮޑުކުރުމުގެ އިތުރުން، ބޭރުގެ ބާޒާރުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ މިންވަރު މަތިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1