ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.އެމަނިކުފާނުގެ ޚިޠާބުގައިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ޢަޒުމް ކަނޑައެޅުމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއާއި މޫސުމީ ބަދަލުތަކާ އެކު ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ ވަސީލަތްތައް ނެތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރަން އެމަނިކުފާނު ވަނީ ނިންމަވާފައެވެ. މިއީ އަހަރީ ބަޖެޓުގެ އިތުރުން ދެވޭ ފައިސާއަކަށް ވުމުން، ތިމާވެށި ޙިމާޔަތްކުރުމަށް ގްރީން ފަންޑުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މަތީ ހަރުފަތަކަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ނިންމާފައިވަނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި ދިރުންތައް ބެލެހެއްޓުމާއި، އެފަދަ ތަންތަނުގެ މަރާމާތާއި މޮނިޓަރކުރުމުގެ މަސައްކަތްތަކަށެވެ. މީގެ އިތުރުން، ކޮންސަވޭޝަން މަސައްކަތްތަކުން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމާއި، ތިމާވެށީގެ ދިރާސާތައްކޮށް މަޢުލޫމާތު ފެތުރުމުގެ އިތުރުން، މި ދާއިރާގެ ފަންނީ ފެންވަރު މަތިކުރުންވެސް ހިމެނެއެވެ. އަދި މަދަނީ ޖަމްޢިއްޔާތަކާއި ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކާ ގުޅިގެން ހޭލުންތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގައި، އިޖުތިމާޢީ ބައިވެރިވުން އިތުރުކުރުމަށްވެސް މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.