އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށްފަހު، ވެރިކަންކުރާ ޕީއެންސީގެ ސަޕޯޓަރުންނާއި ކެމްޕެއިން ޓީމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސާބިތުކަމާއެކު ތިބިކަމަށް މަޖިލިސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުއް الله ވިދާޅުވެއްޖެއެވެ.
މި ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓްދެއްވި ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ޕާޓީގެ ސަޕޯޓަރުންނަށް އަބްދުއްރަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންތިޚާބުގެ ޖުމްލަ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް، އައްޑޫ ސިޓީގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ސިޔާސީ ކާމިޔާބީއެއް ކަމަށް އަބްދުއްރަަހީމް ވިދާޅުވިއެވެ.
މިހާރުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
“އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. އިންޝާ اللہ،މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް.”
މި ބައި-އިލެކްޝަނަކީ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ބޭއްވުނު އިންތިޚާބެކެވެ.
މި މަހުގެ 6 ވަނަ ދުވަހު ބޭއްވި މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 62 ވޯޓުގެ ކުޑަ ތަފާތަކުން ގޮނޑި ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ . އޭނާއަށް 1،375 ވޯޓު ލިބުނުއިރު، ޕީއެންސީގެ އަޙްމަދު ސަޢީދަށް ލިބުނީ 1،313 ވޯޓެވެ .
ނަމަވެސް، ޖުމްލަ ނަތީޖާއިން އެމްޑީޕީ ކުރިހޯދި ނަމަވެސް، އައްޑޫ ސިޓީގައި ބެހެއްޓުނު 5 ވޯޓު ފޮށީގެ ތެރެއިން 4 ފޮށިން ކުރި ހޯއްދެވީ ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދެވެ.