ދުނިޔޭގެ މާލީ ދާއިރާތަކުގެ ކަންބޮޑުވުމަކީ ފިޗެއް ނޫން ކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށް ދަރަނި ނެގުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ރޭޓިންތަކަށް އަންނަ ބަދަލުތަކަށްވުރެ ބޮޑަށް، ފާއިތުވި ދުވަސްތަކުގައި މަނިޓަރީ ސިޔާސަތު ގެންގުޅެފައިވާ ގޮތެވެ.އެގޮތުން، އެއްވެސް ހިފެހެއްޓުމެއްނެތި ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ބޭރުގެ އިދާރާތަކުން ފާހަގަކުރާ ކަމަށް މުންދު ވިދާޅުވި އެވެ.
“އެންމެ ބޮޑު ކަންބޮޑުވުމަކީ ފިޗު އެކަންޏެއް ނޫން، އަދި މުޅި ޖުމްލަ ގޮތެއްގައި ވެސް އަޅުގަނޑުމެން މާލީ އިދާރާތަކާ އެކު ވެސް ކުރި މަޝްވަރާތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އޭރު ތަކުރާރުކޮށް އަޅުގަނޑުމެން އާދޭސް ވެސް ކުރިން ޗާޕު ނުކުރާށޭ، ޗާޕު ކުރުން. ވަރަށް ބައިވަރު ކުރި،”
މުންދު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާ ނުބައްދަލު މިންވަރަކަށް ދަރަނި ނަގާފައިވުމަކީ މިހާރުގެ ސަރުކާރަށް މާލީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ތާށިކަމެވެ. އަދި މިހާރުގެ ސަރުކާރުން އިސްކަންދެނީ ދުނިޔޭގެ މާލީ އިދާރާތަކުގެ އިތުބާރު އަލުން ހޯދުމަށާއި، ފައިސާ ޗާޕުކުރުން ހުއްޓާލައި، އިގްތިސާދު ހަމަމަގަށް އެޅުވުމަށް ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
ބައިނަލްއަގުވާމީ ރޭޓިން އެޖެންސީއެއް ކަމަށްވާ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ‘ސީ.ސީ.ސީ’ އަށް ވަނީ ދައްކޮށްފައެވެ.ނަމަވެސް، މިހާރުގެ ސަރުކާރުން އެމް.އެމް.އޭ މެދުވެރިކޮށް ފައިސާ ޗާޕުކުރުން ނުވަތަ އޯވަޑްރާފްޓް ކުރުން ހުއްޓާލާފައިވާއިރު، އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި ކުރީގެ ސަރުކާރުން ކޮވިޑް-19 ގެ ދުވަސްވަރާއި އޭގެ ފަހުން ޖުމްލަ 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެ، ޑޮލަރުގެ އަގު ބޮޑުވެ، ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައެވެ. މި ބޮޑު ދަރަންޏާއި މާލީ ތާށިކަމުން އަރައިގަތުމަށްޓަކައި މިހާރުގެ ސަރުކާރުން އަންނަނީ ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1