އައްޑޫ ސިޓީ ކައުންސިލްގެ މާލީ އަދި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރެ، ކައުންސިލްގެ މާލީ ހިންގުމުގައި ހުރި ބޮޑެތި އިހުމާލުތަކެއް ފާހަގަކޮށްފިއެވެ.
އެގޮތުން، މި ރިޕޯޓުގައި ކައުންސިލްގެ އެކައުންޓްތައް ބެލެހެއްޓުމާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ވަނީ ތަފްޞީލްކޮށްދީފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، ރަށްރަށުގެ ބިންބިމުން ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ރެކޯޑްތައް އެދެވޭ ގޮތެއްގައި ބަލަހައްޓާފައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، ކުލި ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އާންމުކުރި މި އޮޑިޓް ރިޕޯޓްތަކުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ މާލީ މުއާމަލާތްތައް ހިންގާފައިވާ ގޮތާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ ވަނީ ބަލާފައެެވެ.
އޮޑިޓުން ހާމަވި ގަވާއިދާ ޚިލާފަށް ހިނގާފައިވާ ބައެއް ކަންކަން:
- އިސްރާފު ބޮޑު ދަތުރުތައް: މާލީ ވުޒާރާގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތާ ޚިލާފަށް ސިންގަޕޫރާއި މެލޭޝިޔާއަށް ކުރި ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކުރުން.
- ބިމުގެ ކުލީގެ މައްސަލަ: ފޭދޫން 244,481 ރުފިޔާ އަދި މީދޫން 194,816 ރުފިޔާ ގެ ކުލި ނުލިބި ހުއްޓާ ހެޑް-ލީސް ބަދަލުކޮށްދިނުން.
- ފައިސާ ޖަމާނުކުރުން: އައިޑީ ކާޑު ފީގެ ގޮތުގައި ލިބުނު ފައިސާ ހިމެނޭހެން ޖުމްލަ 492,533 ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް ގިނަދުވަހު ބެހެއްޓުން.
- މަރަދޫ މަސްމާރުކޭޓުގެ މަޝްރޫއު: އައްޑޫ ސިޓީ މަރަދޫ އަވަށުގައި މަސްމާރުކޭޓެއް ބިނާކުރުމަށް ޑިސެމްބަރު 2021 ގައި އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މަޝްރޫޢުގެ މަސައްކަތް، މިއަހަރުގެ ފެބުރުވަރީ މަހާ ހަމައަށް އައިއިރުވެސް ނިންމާފައި ނުވުން.
ހަމަމިއާއެކު، އައްޑޫ ސިޓީގެ ތިން އަވަށެއްގައި މަސް ބަންދުކުރާ ކާރުޚާނާ ތަކެއް ބިނާކުރުމަށް 2020 ވަނަ އަހަރު ހަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން، މިއަހަރުގެ ފެބުރުވަރީ މަހާ ހަމައަށް އައިއިރު ނިންމައި ހުޅުވިފައިވަނީ ހަމައެކަނި ހިތަދޫގެ ކާރުޚާނާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އޮޑިޓުން ބުނާގޮތުންނަމަ، ވާދަވެރިކަމަށް ހުރަސްއެޅޭ ގޮތަށް ޕްރޮކިއުމަންޓްތަކެއް ވަކިވަކިކޮށް، ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މީގެއިތުރުން،ފަތުރުވެރިކަމުގެ ބޭނުންތަކަށް ކަނޑައަޅައި، ދޫކުރުމަށް ނިންމާފައިވާ ބިންތަކެއްގެ ބޮޑުމިން އެއްވެސް ފާޅުކަންބޮޑު އިއުލާނެއް ކުރުމެއްނެތި ބޮޑުކޮށްފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ބިންބިމުން ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ރެކޯޑުތައް ރަނގަޅަށް ބެލެހެއްޓުމަށާއި، ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދަން ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި ވަނީ އަންގާފައެވެ.މީގެ އިތުރުން، ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އެއްވެސް ލަސްކުރުމެއްނެތި ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ އިރުޝާދު ދެއްވާފައެވެ.