ކުޑަކުދިންނަށް ރައްކާތެރި އަދި ބާއްޖަވެރި މުޖުތަމައެއް ހޯދައިދެވޭނީ ދައުލަތުގެ މުއައްސަސާތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމައު އެކުވެގެން، އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ސިއްްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސިއްހަތާއި ޢާއިލާއާއި އިޖުތިމާއާ އެހީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން މީރުމާގައި ބޭއްވި “މަޝްވަރާ އޮން ޗައިލްޑް ރައިޓްސް” ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވިގޮތުގައި،ސަރުކާރުގެ ބޮޑު އަމާޒަކީ ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މުޖުތަމަޢުގެ ހާލަތު ރަނގަޅުކުރުމެވެ.
އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނު ހަރުދަނާކޮށް، އެކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއެކު، މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަތުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުތައް އިތުރަށް ހަރުދަނާކުރެވި، ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކޮށްދިނުމުގެ މަގު ތަނަވަސްވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން މުޅި މުޖުތަމަޢުގެ ތެރޭގައި އޮތް ހޭލުންތެރިކަން މިހާރު އިތުރުކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.ވަކިން ހާއްސަކޮށް، ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބައިނަލްއަގުވާމީ މުޢާހަދާގައި ސޮއިކޮށް، އެ މުޢާހަދާ ތަސްދީގުކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބޭ ބޮޑު ފަޚުރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީރުމާގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1