ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެކަނި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ “މަޝްވަރާ” ފޯރަމް އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި ގޮތުގައި، ކުދިންނަށް އަޅާލުމުގެ މާނައަކީ ހަމައެކަނި ޒަރޫރީ ކަންކަން ކޮށްދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެކުދިންގެ ވިސްނުމާއި އަޚްލާޤު ކުރިއެރުވުމާއި، ހިތްތަކުގައި ދީނީ އަދި އިންސާނީ ރަނގަޅު ސިފަތައް ހަރުލެއްވުމަށް މަސައްކަތް ކުރަންޖެހެއެވެ. މީގެއިތުރުން، ކުދިންގެ ޙަޤީޤީ ރައްކާތެރިކަން ގުޅިފައިވަނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ގެންގުޅޭ އުސޫލުތަކާއި ކުރާ ޢަމަލުތަކާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކުދިންނަށް އަބަދުވެސް އޯގާތެރިކަމާއި، އަޚްލާޤީ ރަނގަޅު އާދަތަކާއި، އިހުތިރާމް ފެންނާނެ ފަދަ މާޙައުލެއް ބިނާކުރުމަށް މައިންބަފައިންނަށާއި، މުދައްރިސުންގެ އިތުރުން މުޖުތަމަޢުގެ އެންމެހައި ފަރާތްތަކަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާތަކާއި، އިހުމާލުވުމުގެ މައްސަލަތަކާއި، ނަފްސާނީ ހާސްކަމަކީ ގިނަ ފަހަރަށް ސިއްރުވެފައިވާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބަޔާންކުރެއްވިއެވެ. އެހެންކަމުން، މުޖުތަމަޢުގެ އެންމެހައި ފަރާތްތަކުން އަބަދުވެސް ހޭލާ ތިބުމަށާއި، ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަމާލުކަމާއެކު އަޑުއަހައި، އެފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ ވަގުތުން ފިޔަވަޅު އެޅުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، އިންޓަނެޓުގެ މާޙައުލުގައި ކުދިންނަށް ޒިންމާދާރުކަމާއެކު މަގުދައްކައިދިނުމަށް މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި، ގުޅުން ބަދަހިކުރުމާއި، އައު އީޖާދުތަކަށް ފުރުޞަތު ހުޅުވުނު ނަމަވެސް، ހޭލުންތެރިކަން އިތުރުކުރަންޖެހޭ ފަދަ ނުރައްކާ އެކަމުގައި އެކުލެވޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި، މައުސޫމުކަމާއި، ނަފްސާނީ ދުޅަހެޔޮކަމަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެކަމަށް އިޖާބަދިނުމުގެ ގައުމީ މަޝްރޫއު (2024-2028)، ކުޑަކުދިންގެ ހޮޓްލައިން 1412، އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރުމުގެ މަޝްރޫޢު އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އިންޓަނެޓުގެ މާޙައުލުގައި ކުދިން ސަލާމަތްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އުމުރުން 16 އަހަރުން ދަށުގެ ކުދިން ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ނިންމާފައިވާ ނިންމެވުމަށްވެސް އެކަމަނާ ބާރުއެޅުއްވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1