ބައިއިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗު ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ‘CCC-‘ އަށް މަތިކޮށްފިއެވެ.
ރާއްޖެއިން ދަރަނި ނުދެއްކިދާނެ ކަމަށް ލަފާކުރެވުނު ބިރު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.ފިޗުން ލަފާކުރާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ހުރި ހަލަބޮލިކަމާއި ގޮންޖެހުންތަކާއެކުވެސް، މެދު ރާސްތާއެއްގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ކުރިއަށްވުރެ ވަރުގަދަވާނެއެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރުގެ ދަތިތަކާއި، އަދި މެދުއިރުމަތީގެ ހަލަބޮލިކަމުގެ ސަބަބުން ކުރު ރާސްތާގައި ރާއްޖޭގެ އިގްތިސާދަށް އަދިވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ. ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދު ގާތްގަނޑަކަށް 4.5 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. ފިޗުން ފާހަގަކުރި ގޮތުގައި މި ކުރިއެރުން މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ މަތީ ފަންތީގެ ބައިނަލްއަގުވާމީ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެވެ.
ފިޗުން ބުނާގޮތުގައި ރާއްޖޭގެ ދައުލަތުގެ ބަޖެޓް ޑެފިސިޓް މަތީގައި ހުރުމާއި، ބޭރުގެ ޖުމްލަ ދަރަނި ބޮޑުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައިވެސް ދަރަނި އަދާކުރުމުގެ މާލީ ނާޒުކުކަން ދެމިއޮންނާނެއެވެ.
އެހެންނަމަވެސް، ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކާއި، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްފިނަމަ، މެދު ރާސްތާގައި ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަމަޔަކަށް އެޅި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1