މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ.
އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން – “ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް” ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ޕީޖީ އައްބާސް ވިދާޅުވީ،މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
މީގެއިތުރުން އައްބާސް ވިދާޅުވީ،ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައިވެސް އިންތިޒާމުވެވިގެން މިފަދަ ކުށްތައްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަން އައްބާސް ފާހަގަކުރެއްވިއެވެ.ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޢަދަދު އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށާއި، މީގެ ތެރޭގައި ޓްރާންސް-ނޭޝަނަލް ފްރޯޑް މައްސަލަތައް ގިނަ ޢަދަދަކަށް ހިމެނޭކަމަށް އައްބާސް ވިދާޅުވިއެވެ،
މިފަދަ ސްކޭމްތައް ހުއްޓުވުމަކީ ޤައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި، މި މަސައްކަތްކުރެވޭނީ ޤައުމުތަކުގެ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަޙުޤީޤުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު،ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ޤައުމުގައި ހުރީ އެކިވަރަށްކަމުން، އެއްޤައުމުގައި ހުންނަ ވަސީލަތް އަނެއް ޤައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ޕީޖީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި . ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ޕީޖީ އިތުރަށް ވިދާޅުވީ، ރާއްޖެ އޮތީދާއިރާއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި، އެހެން ޤައުމުތަކުން ހިންގާ މިބާވަތުގެ ތަޙުޤީޤުތަކަށް ދިވެހިރާއްޖެއަށް ދެވެން އޮތް އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.
“ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް” އަކީ ޖިނާއީ ޢަދުލާ ގުޅޭ ސިޔާސަތު ކަނޑައަޅާ އދ ގެ މައިގަނޑު އިދާރާއެކެވެ. ޕީޖީ އޮފީސް އިން މައުލޫމާތުދ ދިން ގޮތުގައި،މިއަހަރުގެ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ އެކި ސެޝަންތަކުގައި ރާއްޖޭގެ ފަރާތުން ޕްނަލް ޑިސްކަޝަންތަކުގައި ބައިވެރިވެފައިވެއެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިސްވެރިންނާ ބައްދަލުކުރައްވައި، އެހީތެރިކަން ބަދަލުކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ޕީޖީ އޮފީސް އިން ބުނެއެވެ.
މިއަހަރުގެ ކޮންފްރެންސްގައި ޕީޖީގެ އިތުރުން ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲއާއި، އަޝްފާޤު ނަޢީމްއާއި، އަޙްމަދު އައިމަން ޢަލީ ބައިވެރިވެފައިވާކަމަށް އެ އޮފީހުން ވަނީ މައުލޫމާތުދީފައެވެ. އޮސްޓްރިއާގެ ވިއެނާގައި އޮންނަ މި ކޮންފްރެންސް ކުރިއަށްދަނީ، މިމަހުގެ ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.