މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ތައްޔާރުކުރި ހާއްސަ މޯބައިލް އެޕްލިކޭޝަން “މާލެ ޓެކްސީ” ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް ޑައުންލޯޑު ކުރެވޭނެއެވެ.މި އެޕްލިކޭޝަންގެ އެހީގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަތުރުތައް ބުކްކޮށް، އެޕްލިކޭޝަންގެ އެތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓުން ނުވަތަ ބޭންކް ކާޑުތަކުން ފައިސާ ދެއްކޭނެއެވެ. މީގެ އިތުރުން ދަތުރު ނިންމުމަށްފަހު ކިއުއާރު ކޯޑު މެދުވެރިކޮށްވެސް ފައިސާގެ މުއާމަލާތްތައް ނިންމާލެވޭނެ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.
މީގެއިތުރުން އެމްޓީސީސީ އިން ބުނީ،އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރަށް ނެރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، ޕްލޭ ސްޓޯރުން އެޕްލިކޭޝަން ލިބެންދެން އެންޑްރޮއިޑް ފޯނުތަކުން ދަތުރު ބުކްކުރުމަށް އެމްޓީސީސީގެ ވެބް އެޕްލިކޭޝަން ނުވަތަ ހޮޓްލައިން ނަންބަރު 1655 ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.
ސަރުކާރުގެ “މާލެ ޓެކްސީ ލައިން” އަކީ މާލޭ ސަރަހައްދުގެ ޓެކްސީގެ ދަތިކަމަށް ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ހިދުމަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1