ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށްގެންދާ މެޑިކަލް ވެލްފެއަރ ސްކީމް ގެ ދަށުން ދެމުންގެންދާ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ އެ ހިދުމަތްތައް މިއަހަރުގެ ޖޫން1 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ބަދަލުކޮށްފައިވާ ހިދުމަތްތައް:
-
- ގޯޝަން ބަލި ހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން.
- ކެންސަރު ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ހާއްސަ ބޭސްތައް ފޯރުކޮށްދިނުން.
- ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން.
- އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީއާއި، ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް ހޯދުމަށް އެހީވުން.
- އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާކުރުމަށް ދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓް ހަމަޖައްސައިދިނުން.
- ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ.
- ޕަބްލިކް ހޮސްޕިޓަލްތަކުންނާއި އާސަންދައިން ކަވަރު ނުކުރާ ޓެސްޓުތަކާއި ތަހުލީލުތަކަށް ދެވޭ އެހީ.
- ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެތި ފޯރުކޮށްދޭ އެހީ.
- ފަރުވާ ފުރިހަމަކޮށް ނުވަތަ އެނބުރި ރާއްޖެ އަންނަން ކަމާބެހޭ ހާއްސަ ޑޮކްޓަރަކު ލަފާދިނުމުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ކުރަންޖެހޭ ފޮލޯއަޕް ހެދުމަށް އެހީވުން.
- އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާކުރަން ދިއުމަށްފަހު، ދިމާވާ ދަތިތަކާ ގުޅިގެން ދެވޭ އެހީ.
- ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން.
- ރާއްޖެއިން ބޭރުން ބޭސްފަރުވާކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން.
- މެރަނަ ސްކީމުގައި ރަޖިސްޓަރީކޮށްފައިވާ ދިވެހިންނަށް އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، މެރަނަ ސްކީމްގެ ކަވަރޭޖް ބޮޑުކޮށްދިނުން.
- ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހަދާއިރު، ރަށުން ލިބޭ ފަރުވާއަކަށް ނުވިނަމަވެސް މާލެއިން އެ ފަރުވާ ލިބެން ހުރެފައި، އިތުރު ތަކުލީފުތަކެއް ދިމާވުމުން ރިފަރކުރަން ހުށަހަޅާ ހާލަތްތަކުގައި ކޮމިޓީން ރިޖެކްޓްކުރުން.
(މާނައަކީ: މާލެއިން ލިބެން ހުންނަ ފަރުވާއަކަށް، ރަށުން އެ ފަރުވާ ނުލިބޭތީ ކަމަށް ބުނެ ބޭރަށްދާން ރިފަރަލް ހުށަހެޅިޔަސް، ހާއްސަ އިސްތިސްނާ ހާލަތެއް ނެތްނަމަ އެފަދަ ކޭސްތައް ކޮމިޓީން ރިޖެކްޓް ކުރާނެއެވެ.) - ވެލްފެއާ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތަކުން ރީކޮންސިޑަރޭޝަނަށް (އަލުން މުރާޖާކުރުމަށް) ހުށަހެޅުމުން، އެ ކަމަށް ބެލުމަށްފަހު އެ ލިމިޓް އިތުރުކޮށްދިނުން ނުވަތަ އިތުރު އެހީއެއް ދިނުން.
(މާނައަކީ: އެހީގެ ގޮތުގައި ވަކި މިންވަރެއް ކަނޑައަޅާފައި ވަނިކޮށް، ބަލިމީހާގެ ހާލަތަށް ބަލައި އަލުން މުރާޖާކުރަން ހުށަހަޅައިފިނަމަ، އެ ލިމިޓް ބޮޑުކޮށްދިނުމުގެ ބާރު މިހާރު އާސަންދައަށް އޮންނާނެއެވެ.)
މިކަމާއި ގުޅޭ ގޮތުން އިތުުރު މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ،1400 ނަންބަރު ނުވަތަ1402 ހޮޓްލައިން ނަމްބަރާއި ގުޅުމަށް ހެލްތު މިނިސްޓްރީއިން ވަނީ އެދިފައެވެ.
މީގެކުރިން ބަލިމީހުންނަށް ބޭނުންވާ އެކި އެހީތައް ހޯދުމަށް އާސަންދަ އަށާއި އެންސްޕާއަށް ވަކިވަކިން ފޯމު ހުށަހަޅަންޖެހުމުގެ ސަބަބުން، ދެ މުއައްސަސާގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ ޚިދުމަތް ލަސްވުމުގެ ޝަކުވާ ބޮޑުވިއެވެ. ސަރުކާރުގެ މި ނިންމުމަކީ ދައުލަތުން ދޭ ހުރިހާ މެޑިކަލް ވެލްފެއާ އެހީތަކެއް “އެއް ފުރާޅެއްގެ ދަށުން” ނުވަތަ އެއް ސަރވިސް ޕްރޮވައިޑަރެއްގެ ދަށުން ފޯރުކޮށްދީ، މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް ހުރިހާ ކަމެއް އެއް ޑޭޓާބޭސްއަކުން ބަލައި ހަރުދަނާކުރުމަށް ގެނައި އިސްލާހީ ބަދަލެކެވެ.
މީގެ ސަބަބުން އިސްރާފު ކުޑަވެ، ހަގީގަތުގައިވެސް އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ލަސްނުވެ އެހީ ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1