ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކޮށްފައި އޮތް އޮތުމަށް މި މަހުގެ ފަހުކޮޅު ބޮޑު ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ،ބީއެމްއެލް އިން މިހާރު ލިމިޓްތައް ހިފަހައްޓާފައިވަނީ ދަތިތަކެއް ހުރުމުން ކަމަށާއި، ނަމަވެސް ރައީސް އޮފީސް މެދުވެރިކޮށް ބޭންކުން މައުލޫމާތު ހޯދުމުން މި މަސް ނިމުމުގެ ކުރިން ލުޔެއް ދޭނެ ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ.
“ބޭންކް އޮފް މޯލްޑިވްސް އަށް ކުޑަ ދަތިތަކެެއް ދިމާވާތީވެ މިހާރު ލިމިޓްކޮށްލާފައި އޮތީ. އެހެންނަމަވެސް އިއްޔެގައި މައުލޫމާތު ހޯދަން ބެލިއިރުގައި، މި މަސް ނިމޭ ހިސާބުގައި ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތް ކުރައްވާފައި ވަނީ.”
މީގެ އިތުރުން، ބޭންކުން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ގެންނަ ބަދަލުތަކަކީ ސަރުކާރުން ދައްކަންޖެހޭ ބޭރުގެ ދަރަނިތަކާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށްވެސް ރައީސް ސާފުކޮށްދެއްވިއެވެ.ބޭންކުގެ މި ނިންމުމަކީ އާންމުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަންދީ، ކާޑުތައް ނާޖާއިޒު ގޮތުގައި ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްކަންވެސް ފާހަގަކުރެއްވިއެވެ.