ދުންފަތާއި ނިކޮޓިންގެ ނުރައްކާތެރި ވަބާއިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ،ދުންފަތުގެ ވަބާއިން ރައްޔިތުން، ހާއްސަކޮށް ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އީ-ސިނގިރޭޓް ނުވަތަ ވޭޕް މަނާކުރުމަށް ނިންމި ނިންމުމާއި، ދުންފަތް މަނާކުރާ ޖީލެއް ބިނާކުރުމަށްޓަކައި “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޛުކުރާ ދުނިޔޭގެ ފުރަތަމަ ޤައުމަށް ވުމަށް ކުރާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
ޖީލުތަކުގެ ސަލާމަތަށްޓަކައި، ދުންފަތް ނެތް ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް ހުރިހާ ރައްޔިތުން އެކުގައި އަތާއަތްގުޅާލައިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.