އިންޑިއާ އަށް ދަތުރުކުރާ ފަތުރުވެރިން، ފުރުމުގެ ކުރިން ސެލްފް ޑެކްލެރޭޝަން ފޯމު ހުށަހެޅުމަށް މޯލްޑިވިއަން އިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވިއަން އިން ހިއްސާކުރި ދަތުރުވެރިންގެ ނޯޓިސް އެއްގައި ބުނީ، އިންޑިއާއަށް ދަތުރުކުރާ ހުރާ ފަސިންޖަރުން، އިންޑިއާ ސަރުކާރުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންގެ އެންގެވުމާ އެއްގޮަތަށް ، އެ ގައުމަށް ދަތުރު ކުރުމުގެ ކުރިން ސެލްފް ޑެކްލެރޭޝަން ފޯމު ފުރިހަމަ ކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.
މޯލްޑިވިއަން އިން ބުނި މި ފިޔަވަަޅަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެބޯލާ ބަލި، ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
މޯލްޑިވިއަން އިން ދަނީ ފޯމު ސްކޭން ކޮށްގެން ފުރިހަމަ ކުރެވޭނެ ކިއުއާރު ކޯޑެއް ހިއްސާކޮށްފައެވެ.
ބަލި ގައުމަށް އެތެރެވުން ހުއްޓުވުމަށްޓަކައި އެއާޕޯޓުތަކުގެ ތާމަލް ސްކްރީނިންގް ވަރުގަދަކޮށްފައިވާއިރު، އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ގައުމަކަށް ވާތީ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެސް ވަނީ ދަތުރުގެ ކުރިން މި ފޯމު ފުރިހަމަކުރުމަށް ދިވެހި ދަތުރުވެރިންނަށް އިލްތިމާސްކޮށްފަ އެވެ.