ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށެވެ. މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ނާޒިމްގެ އިސްތިއުފާގެ ސިޓީ ލިބިފައިވަނީ މިއަދު ހެނދުނު 08:36 ގައެވެ. އެއީ އޭނާ ވަކިކުރުމުގެ ޖަލްސާ ފެށުމަށް ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
އިސްތިއުފާ ދެއްވުމަށްފަހު އާންމުކުރެއްވި ބަޔާނުގައި ނާޒިމް ވަނީ އޭނާގެ މައްޗަށް އަމާޒުކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. ސަރުކާރު ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ މެޖޯރިޓީގެ ނިންމުމަށް އިހުތިރާމްކުރުމުގެ ގޮތުން ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ޚިދުމަތުގައި ދެމިހުންނަވާނެ ކަމަށް ނާޒިމް ޔަގީންކަން ދެއްވިއެވެ.
ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުންގެ ސޮޔާއެކު އޭނާ ވަކިކުރަން ހުށަހެޅުމުން، މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ މެޖޯރިޓީގެ ނިންމުމަށާއި ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމްކުރުމުގެ ގޮތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ވެރިކަންކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު، މި ހިނގާ މޭ 14 ގައި ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަޖިލިސް ތެރޭގައި ފިތުނަ އުފައްދައި، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އޭނާ މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފައެވެ.ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އާ ނައިބު ރައީސަކު އިންތިޚާބު ކުރުމަށްޓަކައި މިއަދު މެންދުރުފަހު 1:00 އަށް މިހާރު ވަނީ ޚާއްޞަ ޖަލްސާއެއް ތާވަލުކޮށްފަ އެވެ.