ހައްޖުގެ އެންމެ މުހިންމު އަދި އެންމެ މާތް އަޅުކަން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމާއި މުޒްދަލިފާގައި ރޭކުރުމުގެ އަޅުކަން، ދިވެހި ހުރިހާ ހައްޖުވެރިންވެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1,019 ހައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅެވެ. ހައްޖުވެރިން މިހާރު ވަނީ މުޒްދަލިފާ ދޫކޮށް، އަނބުރާ މިނާއަށް ވާސިލްވެފައެވެ.
މުޒްދަލިފާގެ އަޅުކަން ނިމުމާއެކު، ދެން ހައްޖުވެރިންނަށް އޮތީ ހައްޖުގެ އެންމެ ބޮޑު އެއް ޝިއާރު ކަމަށްވާ ޖަމްރާތަކަށް ހިލައުކުމުގެ ބުރަ މަރުހަލާއެވެ. އެގޮތުން ޢީދު ދުވަހުހައްޖުވެރިން އެންމެ ފުރަތަމަ ކުރާނެ ކަމަކީ “ޖަމްރަތުލް ޢަޤަބާ” ނުވަތަ ބޮޑު ޖަމްރާއަށް ހަތް ހިލަ އުކުމެވެ. މީގެ އިތުރުން، މިއަދަށްފަހު ކުރިއަށް އޮތް ތިން ދުވަހު ހައްޖުވެރިން މަޑުކުރާނީ މިނާގައެވެ.
އަދި އެ ތިން ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ކުޑަ ޖަމްރާ، މެދު ޖަމްރާ އަދި ބޮޑު ޖަމްރާއަށް ވަކިވަކިން ހިލައުކުމުގެ އަޅުކަން ކުރިއަށްދާނެ ކަމަށް މިނިސްޓްރީއިން މަައުލޫމާތު ދެއެވެ.
މިއަހަރު ދިވެހި ހައްޖުވެރިންނަށް މިނާގައި ހަމަޖައްސާފައިވަނީ ޖަމްރާތަކާ ވަރަށް ކައިރި، ހިނގާފައި ދިއުމަށް ފަސޭހަ ސަރަހައްދެއްގައި ހުރި ފޭލިގެތަކެއް ކަމަށެވެ.
ސަރުކާރުން ވަނީ މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ކަނޑައަޅުއްވާފައެވެ. ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ޚާއްސަ ޓީމަކާއި މެޑިކަލް ޓީމެއް މައްކާގައި ހަރަކާތްތެރިވަމުންދެއެވެ. ހައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ޖޫން 5 އިން ފެށިގެންނެވެ.