ފައިސާދީގެން ހިންގާ އެފަދަ ޖަރީމާތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް އިތުބާރު ކުޑަނުކުރެވޭނެ ކަމަށް ކޮންގްރެސް ޕާޓިގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ.
ރައީސް މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕާޓީގެ ސެނެޓުގައާއި ލީޑަރޝިޕްގެ ތެރޭގައި ނުހިނގާނެ ކަމަށާއި، މުޅި ލީޑަރޝިޕުން އެމަނިކުފާނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. ފަލާހު ވިދާޅުވީ، ރައީސް މުޢިއްޒު ބޭނުނުންފުޅުނުވާ އެއްވެސްކަމެއް ޕީއެންސީ ސެނެޓްގައި އަދި ލީޑަރޝިޕްގައި ވެސްނުހިނގާނެ ކަމަށެވެ.
“އެއަށްވުރެ ރައީސް މުޢިއްޒު ދެކެ އަޅުގަނޑުމެން އެއްމެން މާލޯބިވޭ އެމަނިކުފާނަށް އަޅުގަނޑުމެން އެއްމެންމާއިތުބާރުކުރަން.”
ފަލާހު ވިދާޅުވީ، މިހެން މިކަން އޮތް ނަމަވެސް އަބަދުވެސް ރައީސް މުޢިއްޒު އިސްކުރައްވަނީ ޕާޓީގެ އަސާސީޤަވައިދާއި ހެދިފައިވާ އުސޫލުތަށް އަދި މަޝްވަރާގެ ރިވެތި ސިފަކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުޢިއްޒު ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކިކަމެއްވަކި ގޮތަކަށް ކުރައްވާކަށް ހުށަނާޅުއްވާ ކަމަށާއި، މުޅިބައްދަލުވުމުގައިވެސް ހުރިހާކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް ކަމަށެވެ.
”މިި ޚަބަރުން ސާފުވީ އަދަދުނޫސްފަދަ މިފަދަ މަދުބައެއް ނޫސްތަކާއި މިފަދަ ދޮގުޚަބަރުފަތުރާ ފަރާތްތަކަށް މިހާރުބައެއްބޭފުޅުން ލަނޑުދޭމިންވަރު އަދި ފައިސާދީގެން މިފަދަނޫސްތަކުގައި މިފަދަ ނޫސްވެރިންލައްވާ ކޮށްމެފަދަ ބޮޑެތި ދޮގުވާހަކަ ތަކެށްވެސްލިޔެވިދާނެކަން.”
އަދަދު ނޫހުން ޝާއިއުކޮށްފައި އިން ހަބަރަކާއި ގުޅިގެން ފަލާހު ފާޑުވިދާޅުވިއެވެ. ރައީސް މުޢިއްޒު އަކީ މިޤަޢުމު މިފަހުގެ ތާރީޚެއްގައި ދެކުނު މުޅިޤަޢުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާހޯއްދަވައިގެން ހަމައެކަނި ވެރިކަންކުރައްވާ ރައީސް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
ޕީއެންސީގެ ކުރިއަށް އޮތް ބޮޑު ކޮންގްރެސް އިންތިޒާމުކުރުމުގެ ހުރިހާ ބާރެއް ޕާޓީގެ ލީޑަރޝިޕަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވިއެވެ. ނަމަވެސް ސެނެޓުގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްނުކޮށް، އާންމު މެންބަރުން ހިމެނޭ ވަކި ޚާއްޞަ ކޮމިޓީއަކާ އެކަން ހަވާލުކުރަން ނިންމި ކަމަށް ބުނެ ޚަބަރު ފެތުރިއެވެ.
ޕީއެންސީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަން ހާމަކުރައްވާފައެވެ.