ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެެއްގައެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ބޮޑުއީދު (ޢީދުލްއަޟްޙާ) އާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް އިތުރުކޮށްދެއްވައި، މުވައްޒަފުންނަށް ދިގު ބަންދެއް ދެއްވަން ނިންމަވާފައެވެ.
އެގޮތުން ރަސްމީ ކަލަންޑަރުގައި ބަންދު ދުވަސްތަކެއްގެ ގޮތުގައި ނެތް 2026 މޭ 24 ވާ އާދީއްތަ ދުވަހާއި މޭ 25 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވައިފައެވެ. މި ނިންމެވުމުގެ ސަބަބުން ޙައްޖު ދުވަހާއި ބޮޑުއީދުގެ ބަންދާއެކު ޖުމްލަ 7 ދުވަހުގެ މެދުކެނޑުމެއްނެތް ބަންދެއް މުވައްޒަފުންނަށް ލިބިގެންދާނެއެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މިގޮތަށް ދުވަސްތައް އިތުރުކޮށްދެއްވީ ސަރުކާރުގެ ބަންދު ދުވަސްތަކުގައި މުވައްޒަފުންނަށް އެއްވެސް މެދުކެނޑުމެއްނެތި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ. މި ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ.