ސްރީލަންކާއަށް ޒިޔާރަތްކުރާ ދަތުރުވެރިން އެ ޤައުމަށް އެތެރެވުމުގެ ކުރިން “އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ” އެއް ހޯދަންޖެހޭ ގޮތަށް ކަނޑައަޅައި ސްރީލަންކާ ގެ ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން މި ހިނގާ މޭ މަހުގެ 25 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް ސްރީލަންކާއަށް އެތެރެވުމުގެ ކުރިން “ETA” ހޯދަންޖެހޭ ގޮތަށް ސްރީލަންކާ ގެ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.
.އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ހޯދަން ޖެހުމުގެ ސަބަބުން، ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ ސިޔާސަތަކަށް އެއްވެސް ބަދަލެއްއައިސްފައި ނުވާ ކަމަށް ފޮރިން މިނިިސްޓްރީއިން ވަނީ ބުނެފައެވެ.
އެހެންކަމުން، ކުރިން ހަމަޖެހިފައިވާ ގޮތަށް ދިވެހިންނަށް ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި (90 ދުވަސް) ލިބޭނެ ކަމަށާއި،ސްރީލަންކާގެ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީ.ޓީ.އޭ) އާ ގުޅޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
ސްރީލަންކާއަށް ޒިޔާރަތް ކުރާ ދިވެހީން، އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން ސްރީލަންކާ ގެ “އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (ETA)” ފޯމް ފުރުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.