މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ މުހިންމު މަސައްކަތެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމުގެ ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓު ވިއުގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މިގޮތުން، ސްޓެލްކޯ އިން ބުނީ، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، މި މަސައްކަތް ފުރިހަމަކުރުމަށްޓަކައި މިމަހު 23 ވާ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ބޭނުންކުރާ މިންވަރު އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.. މި ވަގުތަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ޚިދުމަތަށް ކުރާނެ އަސަރު ކުޑަވާނެކަމަށާއި، ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ވީއެންމެ އަވަހަކަށް ޚިދުމަތް އާންމު ހާލަތަށް ގެނައުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
“މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަޢުލޫމާތު އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރަމުންދާނެއެވެ. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވަމެވެ.”
ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލި ނަމަވެސް، އެ ވަގުތުތަކުގައި މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލްކަން “ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް” ގައި ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެހެންކަމުން، އިންޖީނުގެ ނިއްވާލާފައި އޮންނަ ގަޑިތަކުގައި މާލެ ސަރަހައްދުގެ އެއްވެސް ތަނަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑައެވެ.