ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ އަސަރާއެކު،ކުރިއަށްއޮތް 24 ގަޑިއިރު މޫސުން ގޯސްވެ،އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އިން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު،އެންމެ ގިނައިން ވާރޭވެހުނީ އއ.ތޮއްޑޫ އަށްކަމަށެވެ.އެއީ 144 މިލިމީޓަރުގެ ވާރޭއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު،އުތުރާއި މެދުރާއްޖެތެރެއަށް ވަކިން ހާއްސަކޮށް ވައިގަދަވެ، ކަނޑު ގަދަވާނެކަމަށް މެޓް އިން ލަފާކުރެއެވެ. މި ސަރަހައްދަށް ވާރޭ ވެހި ގުގުރާނެ ކަމަށްވެސް މެޓް އިން ވަނީ ލަފާކޮށްފައެވެ. ހުރިހާ ފަރާތްތަކުން ވެސް ކަނޑުު ދަތުރުކުރާއިރު، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފަހު ދަތުރުކުރުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހިރާއްޖެއަށް އާންމުކޮށް ކޮންމެ އަހަރެއްގެ މޭ މަހުގެ މެދުތެރެއިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާ ހުޅަނގު މޫސުމަކީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ކަނޑުތައް ވެސް އާންމުކޮށް ގަދަވާ ދުވަސްވަރެކެވެ. ޚާއްޞަކޮށް މޫސުން ބަދަލުވާ މި ދުވަސްވަރު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވާތީ، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރާ ދިމާކޮށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރިއަށްގެންދެއެވެ.