ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަޤްވާމީ މަކަރާއި ހީލަތުގެ (ސްކޭމް) ނެޓްވޯކްތަކާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަން “އޮޕަރޭޝަން ފްރޮންޓިއަރ+ III” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ “ފްރޮންޓިއަރ+ އެލަޔަންސް” ގެ ދަށުން 10 މާރިޗު 2026 އިން 7 މޭ 2026 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ގުޅިފައިވާ އެންޓި-ސްކޭމް އޮޕަރޭޝަން “އޮޕަރޭޝަން ފްރޮންޓިއަރ+ III” ގައި ބައިވެރިވެ، އެ އޮޕަރޭޝަން ނިންމުމުގެ ބައްދަލުވުން ރާއްޖޭގައި ހޯސްޓްކޮށްފައެވެ.
މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ސިންގަޕޫރު، ހޮންކޮންގ، ސައުތު ކޮރެއާ، މެލޭޝިޔާ، ތައިލެންޑް، މަކާއޯ، އިންޑޮނޭޝިޔާ، ބުރުނާއީ އަދި ކެނެޑާގެ ތަންފީޛީ އިދާރާތަކާ އެކުގައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ ބޯޑަރު ހުރަސްކޮށް އެކި ބާވަތްތަކުގެ މަކަރާއި ހީލަތުގެ (ސްކޭމް) ޖަރީމާތައް ހިންގާ ބައިނަލްއަޤްވާމީ ނެޓްވޯކްތަކަށް ކަމަށެެވެ.މީގެ ތެރޭގައި އީ-ކޮމާސް ސްކޭމް، އިންވެސްޓްމަންޓް ސްކޭމް، މީހުންގެ ސިފަޔާއި ނަން ބޭނުންކޮށްގެން ހިންގާ (އިމްޕާސޮނޭޝަން) ސްކޭމް، ފިޝިންގ ސްކޭމް، ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް ސްކޭމް، އަދި ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި ސްކޭމްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި،ތްގަނޑަކަށް ދެ މަސްދުވަހަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި، ބައިވެރިވި 10 ޤައުމުން 3,200 އަށްވުރެ ގިނަ ފުލުހުން ވަނީ ޙަރަކާތްތެރިވެފައެވެ. މި އޮޕަރޭޝަނުގެ ދަށުން 13 އަހަރާއި 85 އަހަރާ ދެމެދުގެ 3,018 މީހުން ހައްޔަރުކޮށްފައިވާއިރު، 138,000 އަށްވުރެ ގިނަ ސްކޭމް މައްސަލައާ ގުޅުންހުރި 7,553 މީހުންގެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލަތަކުގައި ހިމެނޭ މާލީ ގެއްލުމުގެ ޖުމްލަ ޢަދަދު ގާތްގަނޑަކަށް 752 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.