މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެެއިން ޝީޓް ޕައިލިންގް މަސައްކަތް ނިމިއްޖެއެވެ.
އެގޮތުން އެމްޓީސީސީއިން މައުލޫމާތު ދިން ގޮތުގައމަޝްރޫއުގެ ސެގްމެންޓް 2، 3 އަދި 4 ގެ ދަށުން ކުރިއަށްދާ ޝީޓް ޕައިލިންގް މަސައްކަތުގެ ތެރެއިން 400 މީޓަރުގެ ސަރަހައްދެއްގައި މިހާރު ވަނީ ޝީޓް ޕައިލް ހަރުކޮށް ނިންމާލާފައެވެ. މިއީ މި ދާއިރާއިން ކުރަންޖެހޭ މަސައްކަތުގެ 76 އިންސައްތައެވެ.
އެމްޓީސީސީ އިން ބުނިގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި ކީވޯލް ކެޕިންގް ގެ އަމަލީ މަސައްކަތްތައް ވަނީ ރަސްމީކޮށް ފަށާފައެވެ. މި މަސައްކަތް ފެށުމާއެކު، ސެގްމެންޓް 4 ހިމެނޭ ސަރަހައްދުގައި ހިނގާ ބިނގާވެއުޅޭ މީހުންނަށް ޚާއްޞަ ދުވާރު ހެދުމުގެ މަސައްކަތްތަކާއި، މަގުން ފެންހިންދުމަށް ބޭނުންކުރާ ޕަންޕް ސްޓޭޝަނުގެ ވަޅު ހަރުކުރުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.
މަގު ހެދުމުގެ މަސައްކަތްތަކުގެ އިތުރުން، އާންމު ހިދުމަތްތަކާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއްވެސް އެ ސަރަހައްދުގައި ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އާ ގުޅިގެން ކުރިއަށްގެންދާ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.
މީގެ އިތުރުން، މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ފެންބޮޑުވުން ކޮންޓްރޯލްކުރާ ކެޗްޕިޓް އާއި ފެންވަޅުތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެން ހޮޅީގެ މައި ނެޓްވޯކް އެޅުމާއި، އެންކަރ ބްލޮކް އަދި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ ބާކީ ހުރި މަސައްކަތްތައްވެސް ބާރުދުވެލީގައި ކުރިއަށްދާކަމަށް ސަރުކާރުން ހާމަކުރެއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަކީ ޓްރެފިކް ބާރުބޮޑު ސަރަހައްދަކަށް ވުމުން، މި މަޝްރޫއު އެއްކޮށް ނިމުމުން މަގު 4 ލޭނަށް ފުޅާވެ، މާލޭގެ ބޮޑު ސަރަހައްދެއްގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޖުމްލަ 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ފުރަތަމަ ސެގްމެންޓް (ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް) މީގެ ކުރިން ވަނީ ތާރުއަޅައި، އާންމުންނަށް ހުޅުވާލާފައެވެ.