އެއްވެސް ހުއްދައެއް ނެތި ރާއްޖެއަށް އާންމުކޮށް އެތެރެކޮށްގެން ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކޮށްފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭސް އިމްޕޯޓް ކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ކަމަށެވެ. އަދި އެތެރެކުރާ ކޮންމެ ބޭހަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ އުސޫލާ އެއްގޮތަށް ރަޖިސްޓްރީކޮށް، ރާއްޖޭގެ “އެޕްރޫވްޑް ޑްރަގް ލިސްޓު”ގައި ހިމެނޭ ބޭހަކަށް ވާންޖެހޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި އޮންލައިން ޕޭޖުތައް މެދުވެރިކޮށް، ރާއްޖެއަށް ގަވާއިދާ ޚިލާފަށް ބޭސް އެތެރެކޮށް ވިއްކާ މިންވަރު އިތުރުވަމުންދާކަން އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ.
އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ، މި ލިސްޓު ގައި ހިމެނޭ ބޭސްތަކަކީ ޚާއްޞަ ޑޮކްޓަރެއްގެ ސައްޙަ ބޭސްސިޓީއަކަށް،ނޫނީ ފާމަސީތަކުންވެސް ދޫނުކުރެވޭނެ ބޭސްތަކެއް ކަމަށެވެ. ޑޮކްޓަރުގެ އިރުޝާދާ ނުލައި އަދި ހުއްދަނެތި އެތެރެކުރާ މިފަދަ ބޭސްތައް ބޭނުންކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.