ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އުޅެނިކޮށް، އެމްއެންޑީއެފްގެ ސީނިއާ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ 5 އިޓަލީ ޑައިވަރުން މަރުވެފައިވާއިރު، އެމީހުން ހޯދުމަށް ސިފައިން ހިންގި އޮޕަރޭޝަނުގެ ތެރެއިން މަހުދީ ޝަހީދުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމްއެންޑީއެފްއިން ކަށަވަރުކޮށްދޭ ގޮތުގައި މަހުދީ ނިޔާވީ ކަނޑުގެ މާ ފުން މިނުން (ގާތްގަނޑަކަށް 50 އަށްވުރެ ގިނަ މީޓަރު އަޑިން) ކުއްލިއަކަށް މައްޗަށް އެރުމުގެ ސަބަބުން ދިމާވި ޑިކޮމްޕްރެޝަން ސިކްނަސް ގެ ސަބަބުންނެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި، މަހުދީ މަރުވާން ދިމާވި ސަބަބު އެ މުއައްސަސާއިން ދަނީ ބަލަމުންނެވެ. ނަމަވެސް، މި މައްސަލައާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާގައި އިޓަލީވިލާތިުގެ ޑައިވަރުންގެ ޓީމެއް މަރުވުމާ ގުޅިގެން، ރާއްޖޭގައި ހުންނަ އިޓަލީގެ ކޮންސިއުލޭޓާއި އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ދަނީ މި ތަހުގީގު ހިނގާގޮތް ވަރަށް ކައިރިން ބަލަމުންނެވެ. ފުލުހުން ބުނި ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގުގެ ހުރިހާ މަޢުލޫމާތެއް އިޓަލީގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުންދާނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1