މާލޭގައި އާންމު ސިއްޙަތުގެ ގިނަ ޚިދުމަތްތަކެއް ދެމުން އަންނަ “ދަމަނަވެށި” ބޮޑު މަރާމާތަކަށްފަހު “އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު” ގެ ނަމަށް ބަދަލުކުރުމަށްޓަކައި، ވަގުތީގޮތުން ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.
ވޭތުވެދިޔަ 42 އަހަރު ޚިދުމަތް ދެމުން އައި ދަމަނަވެށި ބަންދުކޮށްގެން ކުރިއަށްގެންދާ މަރާމާތުގެ ބޮޑު މަސައްކަތްތަކަށްފަހު، މި މަރުކަޒު އާ ނަމާއެކު ރަސްމީކޮށް އަލުން ހުޅުވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ 26 ޖުލައި ގައެވެ.
ދަމަނަވެށިން ނެރުނު ބަޔާނުގައި ބުނީ، ދިވެހީންގެ އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ގާއިމުކުރުމަށްޓަކައި،ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތުކޮށް، އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދަމަނަވެށިން ނެރުނު ބަޔާނުގައި ބުނީ، މިއަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން، ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ގާއިމުކޮށްފައިވާ އާރބަން ޕަރައިމަރީ ހެލްތު ކެއަރ ސެންޓަރ އަދި ހުޅުމާލޭގައި، ގާއިމުކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި ޖީޕީ ކްލިނިކުން ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މިއީ ޙައްޖުވެރިންނާއި ކުޑަކުދިންގެ ވެކްސިން ޕްރޮގްރާމް ފަދަ މުހިއްމު ޚިދުމަތްތައް، މާ ފުރިހަމަ އަދި ޒަމާނީ މާހައުލެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.