ރާއްޖެއިން މީގެކުރިން ނައްތާލާފައިވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، ހިމަބިއްސަށް (މީސަލްސް) އިތުރު ދެމީހަކު ޕޮޒިޓިވްވެ، މި އަހަރުގެ މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 7 އަށް އަރާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކާ، އަދި ހޮސްޕިޓަލް އަށް ދިއުމަށެވެ. އަދި ހޮސްޕިޓަލް އަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
ހިމަ ބިހި ކޭސް އެއް ފެނިއްޖެނަމަ އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގިތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދިނުން މިހާރު ކުރެވެމުންދާކަމަށް އެޗްޕީއޭ އިން ބުނެއެވެ،
އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ފެތުރުނު ގޮތް ބެލުމުގެ ތަހުގީގު ހިންގުމާއި، ބަލިޖެހުނު މީހުންނާ ދިމާވި 74 އަށްވުރެ ގިނަ ކޮންޓެކްޓުން ދެނެގަނެ އެފަރާތްތަކަށް އެމްއެމްއާރްވެކްސިން ދިނުމުގެ ކުއްލި މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައެވެ.
ދިވެހިރާއްޖެއަކީ 2017 ވަނަ އަހަރު ޑަބްލިޔުއެޗްއޯއިން ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވާ ތަނަކަށް ވިޔަސް، ވައިގެ ތެރެއިން ހަލުވިކަމާއެކު ގައިންގަޔަށް އަރާ މި ވައިރަލް ބަލީގެ ކޭސްތައް ރާއްޖެއިން ބޭރުން އެތެރެވުމުގެ ސަބަބުން ދޭތެރެއަކުން ފެންނަމުންދާތީ، ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ސިއްޙީ މާހިރުން ބާރު އަޅައެވެ.